ހެޑްލައިން:
މަރުގެ ތުންފަތްމައްޗަށް ހުށައެޅިދާނެ، ދުވެލި މަޑުކުރޭ!
ރިޕޯޓު ތައްޔާރުކުރީ: އަޙްމަދު ރިޟުވާން / މަރްޔަމް މުޙައްމަދު
ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް، އާބާދީގެ އިތުރުވުމާއެކު މަގުތަކުގައި އުޅަނދުފަހަރުގެ ނިސްބަތްވެސް އިތުރުވެފައިވެއެވެ. މިކަމާއެކު، މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް އިތުރުވުމަކީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ރާއްޖޭގައިވެސް، ޚާއްސަކޮށް ފަހަކަށް އައިސް، މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވެ، އެތައް ބަޔެއްގެ ފުރާނަ ގެއްލި، އެތައް އާއިލާއެއް ހިތާމައިގެ ތެރެއަށް ވެއްޓެމުންދާތަން ފެނެއެވެ.
ތަފާސްހިސާބުތަކުން ނުރައްކަލުގެ ރަނގަބީލު!
ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ޓްރެފިކާގުޅުން ހުރި އެކި މައްސަލަތައް ހިމެނެއެވެ. ފާއިތުވި 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ޓްރެފިކް މައްސަލަތަކުގެ ގޮތުގައި އަހަރެއްގެ މައްޗަށް އެވަރެޖްކޮށް 2000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ 5 ނުވަތަ 6 އެކްސިޑެންޓެވެ.
ކޯވިޑް-19ގެ
ޙާލަތާއި ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކާ ރައްކާތެރިކަމުގެ
ފިޔަވަޅުތަކުގެ ސަބަބުން 2020، 2021 އަދި 2022 ވަނަ އަހަރު ހުށަހެޅުނު ޓްރެފިކް
މައްސަލަތައް ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، 2022 އިން ފެށިގެން ޓްރެފިކް
މައްސަލަތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. ނިމުނު 2024 ވަނަ
އަހަރަކީ ފާއިތުވި 10 އަހަރުގެ ތެރޭގައިވެސް ފުލުހުންނަށް ޓްރެފިކާ ގުޅޭގޮތުން
އެންމެ ގިނަ މައްސަލަތައް ހުށަހެޅުނު އަހަރެވެ. އެ އަހަރު އެކަނިވެސް ޓްރެފިކާ
ގުޅޭ 2884 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތައް:
ޓްރެފިކް އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފުލުހުންވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ ކަނޑައެޅިފައިވާ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވުމެވެ.
މަގުމަތީގެ ގަވާއިދުތަކަށް ނުބެލުމާއި، އެކަށީގެންވާ ސަމާލުކަމެއްނެތި ފަރުވާކުޑަކޮށް ދުއްވުމަކީ ރާއްޖޭގައިވެސް މިހާރު އާންމުކޮށް ފެންނަ ކަންކަމެވެ. މީގެ އިތުރުން، ދުއްވާއިރު މޯބައިލް ފޯނު ބޭނުންކުރުން، ނުވަތަ އެހެން ކަންކަމަށް ސަމާލުކަން ދިނުމަކީ އެކްސިޑެންޓުތަކަށް މަގުފަހިކުރުވާ ކަންކަމެވެ. ރަނގަޅަށް ސިގްނަލް ނުދިނުމާއި، މަގުގެ ހާލަތަށް ނުބެލުމާއި، އަނދިރިކަމުގެ ސަބަބުން މަގުމަތި ރަނގަޅަށް ނުފެނުން ފަދަ ކަންކަމަކީވެސް އެކްސިޑެންޓުތައް ހިނގުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބުތަކެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވުން، އާއިލާތަކަށް މާލީގޮތުންނާއި ނަފްސާނީގޮތުންވެސް އެތައް ގެއްލުމެއް!
ރާއްޖޭގައި ފަހަކަށް އައިސް، ޚާއްސަކޮށް މާލެއާއި ހުޅުމާލެ އަދި އަތޮޅުތަކުގެ ބޮޑެތި ރަށްރަށުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
ގިނަ ފަހަރު، މިފަދަ އެކްސިޑެންޓުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ވަގުތުން ދުނިޔެ ދޫކޮށްދާން ޖެހެއެވެ. އަދި ބައެއް ފަރާތްތަކަށް ސީރިއަސް އަނިޔާތައް ލިބި، ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެއެވެ. މިފަދަ އެކްސިޑެންޓެއްގައި އާއިލާއެއްގެ މީހަކު ނުވަތަ ގާތް މީހަކު ދުނިޔެ ދޫކުރުމަކީ އެ އާއިލާއަށް ދާއިމީ ހިތްދަތިކަމެއް ކުރިމަތިލާ ކަމެކެވެ. އާއިލާގެ ބަސްބުނާ މީހާ ނުވަތަ ޒުވާން ދަރިއެއްގެ ފުރާނަ ގެއްލުމުން، އެ އާއިލާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. މިއީ އެއްވެސް އާއިލާއަކުން ކުރިމަތިލާން ބޭނުންވާނެ ޙާލަތެއް ނޫންކަން ޔަޤީންނެވެ.
އެކްސިޑެންޓުތައް މަދުކުރުމަށް ފަރުދީ ހައިސިއްޔަތުން ޒިންމާ ނަގަންޖެހޭ!
މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި، ކޮންމެ ފަރުދެއްގެވެސް މައްޗަށް ވަރަށް ބޮޑު ޒިންމާއެއް އެބައޮތެވެ. އެންމެ މުހިންމު ކަމަކީ، މަގުމަތީގައި އުޅަނދު ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދިނުމެވެ. ސްޕީޑް ލިމިޓަށް ބޯލެނބުމާއި، މަގުމަތީގެ ގަވާއިދުތަކަށް ތަބާވުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ.
މޯބައިލް ފޯނު ބޭނުންކުރުން ފަދަ ކަންކަމުން ދުރުހެލިވެ، ފުރިހަމަ ސަމާލުކަމާއެކު ދުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބްރިޖާއި ހައިވޭފަދަ ބޮޑެތި މަގުތަކުގައި ސައިކަލު ދުއްވާއިރު ރައްކާތެރި ހެލްމެޓް އެޅުމާއި، ކާރު ފަދަ އުޅަނދު ދުއްވާއިރު ސީޓުބެލްޓް އެޅުމަކީ އެކްސިޑެންޓެއް ހިނގައިފިނަމަ ލިބޭ ގެއްލުން ކުޑަކޮށްދޭނެ ކަންކަމެވެ. މަގުމަތީގައި އެހެން ފަރާތްތަކަށް އިހްތިރާމްކޮށް، ކެތްތެރިކަމާއެކު ދުއްވުމަކީވެސް އެކްސިޑެންޓުތައް މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި މަގު ހުރަސްކުރާއިރުވެސް، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.
މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ. ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ގަވާއިދުތައް ހަރުދަނާކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޮންމެ މީހަކުވެސް މަގުމަތީގައި ހޭދަކުރާ ވަގުތު އެކަށީގެންވާ ސަމާލުކަމާއި ރައްކާތެރިކަން ދިނުމަކީ މަގުތައް އެންމެންނަށްވެސް ރައްކާތެރިކުރުމަށް ކުރެވޭނެ އެންމެ ބޮޑު އެހީތެރިކަމެވެ. އަމިއްލަ ނަފްސަށާއި، އަނެކުންނަށް ރައްކާތެރިވުމަކީ ދިވެހި މުޖުތަމައުއަށް ހިތާމަވެރި ހާދިސާތަކުން ދުރުހެލިވެ، އުފާވެރި ދިރިއުޅުމެއް ލިބިގަތުމަށް މަގުފަހިކުރާނެ ކަމެކެވެ.
މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ މީހެއްގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ވަރަށް އަގުހުރި އެހީތެރިކަމެކެވެ. މަގުތަކަކީ އަޅުގަނޑުމެން އެންމެންނަށްވެސް އުފާވެރި މަންޒިލަކަށް ވާންވާނެއެވެ. އެކަމަށްޓަކައި، ގަވާއިދުތަކަށް ބޯލަނބައި، ހަމަޖެހިގެން ދުއްވުމުގެ ސަގާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އާލާކުރަންޖެހެއެވެ. އުފާވެރި މާދަމާއަކަށްޓަކައި، މިއަދުން ފެށިގެން މަގުމަތީގައި ރައްކާތެރިކަމަށް އިސްކަންދޭށެވެ!




No comments:
Post a Comment