Wednesday, March 19, 2025

ކެތްތެރިވާށެވެ. މާދަމާއަކީ މިއަދެއް ނޫނެވެ!


 

ދިރިއުޅުމަކީ އިންސާނުންނަށް ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތެވެ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތަޖުރިބާކުރަމުންދާ، އަދި އޭގެ އަގު އަބަދުމެ ވަޒަންކުރަންޖެހޭ ކަމެކެވެ. ދިރިއުޅުމަކީ ހަމައެކަނި ދުނިޔޭގައި ވަގުތު ހޭދަކުރުމެއް ނޫނެވެ. އެއީ ތަޖުރިބާތަކާއި، ގޮންޖެހުންތަކާއި، އުފާވެރިކަމާއި އަދި ހިތާމަތަކުގެ އެތައް އިޙްސާސަކުން ފުރިގެންވާ ކަމެކެވެ.


ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ދިމާވާ ގިނަ ކަންކަމަކީ އަޅުގަނޑުމެންގެ ބާރު ނުހިނގާ ކަންކަމެވެ. މިފަދަ ކަންކަމާ ކުރިމަތިލާއިރު، ކެތްތެރިކަމަކީ އެންމެ މުހިންމު ސިފައެވެ. ކެތްތެރިކަން އިތުރުކުރުމަށްޓަކައި، އަޅުގަނޑުމެން ކުރަންޖެހޭ މުހިންމު ކަމަކީ ކަންކަމުގެ ޙަޤީޤަތް ދެނެގަތުމެވެ. ކޮންމެ ދަތި ޙާލަތަކީވެސް ވަގުތީ ކަމެއްކަން ހަނދާންކުރުމާއި، އެކަމުން ނަގައިގަނެވޭނެ ފިލާވަޅުތަކަށް ވިސްނުމަކީ ކެތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.


ދިރިއުޅުމަކީ އުފަލާއި ހިތާމައިގެ މައްޗަށް އެކުލެވިގެންވާ ދަތުރެކެވެ. މި ދަތުރުގައި އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މިފަދަ ހާލަތްތަކުގައި ކެތްތެރިވުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ އެންމެ މުހިންމު އެއް ސިފައެވެ. އިސްލާމްދީނުގައި ކެތްތެރިވުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.


އިސްލާމްދީނުގައި ކެތްތެރިވުމުގެ ހިކުމަތަކީ އިންސާނާގެ އީމާންކަން ވަރުގަދަކުރުމެވެ. ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިވުމާއި ނަމާދުން އެހީތެރިކަން ހޯދާށެވެ. ހަމަކަށަވަރުން، ﷲ އީ ކެތްތެރިންނާ އެކުގައިވާ ކަލާނގެއެވެ." (ސޫރަތުލް ބަޤަރާ: 153) މި އާޔަތުން އަޅުގަނޑުމެންނަށް އެނގެނީ ކެތްތެރިވުމަކީ އަޅުކަމެއްގެ ގޮތުގައި ބެލެވޭ ކަމެއްކަމެވެ.


ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމަށް ކެތްތެރިވާންޖެހޭ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ނަފްސު ކޮންޓްރޯލް ކުރުމާއި، ރުޅިވެރިކަމާއި ނުރުހުން ކުޑަކުރުން ހިމެނެއެވެ. މީގެ އިތުރުން، ކެތްތެރިވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ރަނގަޅު ނިންމުންތައް ނިންމުމަށް ފުރުޞަތު ލިބެއެވެ. އަދި މީސްތަކުންނާ އެކު ރަނގަޅު ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެންދެއެވެ.


ހަމަޖެހޭ އަދި އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި، އަޅުގަނޑުމެން ވިސްނަންޖެހޭ ބައެއް މުހިންމު ކަންކަން ވެއެވެ. އޭގެ ތެރޭގައި އަމިއްލަ ނަފްސަށް އަޅާލުމާއި، ޞިއްޙަތަށް ސަމާލުކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން، އާއިލާއާއި ރަޙްމަތްތެރިންނާއެކު ގާތް ގުޅުން ބަދަހިކުރުމާއި، އަމިއްލަ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަސައްކަތްކުރުމަކީވެސް މުހިންމު ކަންކަމެވެ. އަދި ހަމައެހެންމެ، ޝުކުރުވެރިކަމުގެ އާދަ އަށަގެންނެވުމާއި، އެހެން މީހުންނަށް އެހީތެރިވުމަކީވެސް އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.


ދިރިއުޅުން އުފާވެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ޝުކުރުވެރިވުމާއި، ހެޔޮ ޢަމަލުތައް ކުރުން، އަދި އެހެން މީހުންނަށް އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާއި، ވަގުތު ރަނގަޅަށް ބޭނުންކުރުމަކީވެސް ދިރިއުޅުން އުފާވެރިކުރުމަށް މުހިންމު ކަންކަމެވެ. އަދި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަކީވެސް އުފާވެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

 

އަޅުގަނޑުމެން ދަންނަންޖެހޭ އަނެއް ޙަޤީޤަތަކީ ކެތްތެރިވުމަކީ އެއްފަހަރާ ދަސްވާނެ ކަމެއް ނޫންކަމެވެ. މިއީ ދުވަހުން ދުވަހަށް އަޅުގަނޑުމެން ދަސްކުރަންޖެހޭ އަދި އަމަލީގޮތުން ދައްކަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންނަށް ދިމާވާ ކުދި ކަންކަމުގައި ކެތްތެރިވުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.


ކެތްތެރިވުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސިފައެކެވެ. މި ސިފަ އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ދުނިޔެވީ އަދި އުޚްރަވީ ކާމިޔާބަށް ވަރަށް މުހިންމު ކަމެކެވެ. ކެތްތެރިވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން އުފާވެރިވެ، ހިތްހަމަޖެހި، އަދި ބަރަކާތްތެރިވެގެންދާނެކަން ކަށަވަރެވެ.

 

ދިރިއުޅުމަކީ އަގުހުރި ހަދިޔާއެކެވެ. އެހެންކަމުން، މި ހަދިޔާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހެއެވެ. ކެތްތެރިކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލައި، އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރާނެ ކަންކަމަށް އަހައްމިއްޔަތުކަން ދިނުމަކީ މިކަމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެވެ. އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ މާދަމާއަކީ މިއަދެއް ނޫންކަމެވެ. ތިމާގެ ޙާލަތު ހަމަ ބަދަލުވެދާނެއެވެ. ބަދަލުކުރެވިދާނެއެވެ. ހިތްވަރާއެކު ކުރިއަށްދާށެވެ.

Tuesday, March 18, 2025

"އަޅުގަނޑުގެ ލެންސުން އަވައްޓެރި ލަންކާ"


ހަފްތާއަކަށް ލަންކާއަށް ދަތުރެއް ދާން ޝާފިއުއާއި ނިޒާހު ރޭވި ހިސާބުން އަޅުގަނޑުވެސް އެމީހުންނާ އެއްބައިވީ، އެދުވަސްކޮޅު އަޅުގަނޑުވެސް ހުރީ ޗުއްޓީގައިކަމަށްވެފައި، އިތުރު މާ ބޮޑު ޕްލޭނެއް ރާވާފައިނެތުމުންނެވެ. ފުރާނެ ދުވަހަކަށް އެވެރިން ކަނޑައެޅީ މެއިމަހުގެ 25 ވަނަ ދުވަހެވެ. 3 މީހުންގެ މެދުގައި ސައްލާކުރުމަށްފަހު ދަތުރުގެ އެކި ކަންކަން ހަމަޖެއްސުމަށް 3 މީހުންގެ މެދުގައި ބަހާލީމެވެ. މިއީ ވިޔަފާރި ކުރުމަށްވުރެ ލަންކާ "އެކްސްޕްލޯރ" ކުރަން ދާން ބޭނުންވި ދަތުރެއްކަމުން 3 މީހުންނަށްވެސް އިއްތިފާގުވެވުނީ ކޮލަންބޯގައި މާގިނަ ދުވަހު ނުތިބުމަށެވެ. އެބުނާ ސައިޓް ސީންއަށް އެންމެ މަޤުބޫލު ތަންތަނަށް ވީހާވެސް ގިނަ ވަގުތެއް ހުސްކުރާށެވެ.

 

އަހަރުމެން ދަތުރު ރޭވީ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން އެންމެ ފުރަތަމަވެސް ނޫރައްލިއްޔާއަށް ދާގޮތަށެވެ. އެއަށްފަހު އެލާއަށެވެ. އެލާއިން ރޭލުގައި ކޭންޑީއަށްގޮސް ދަތުރުގެ އެންމެ ފަހު 2 ދުވަސް ޝޮޕިންކުރުމަށް ކޮލަމްބޯއަށް އަންނަގޮތަށެވެ. އަހަރުމެންނަށް ވެވުނު އެންމެ ރަނގަޅަކަށް ދަތުރަށް ތައްޔާރުވީމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމަށް ބަލާ ދަތުރަށް ފޮށިތަންމަތި ތައްޔާރުކުރީމެވެ. ފުރަން ހަމަޖެހިފައިއޮތީ މެއި 25 ވަނަ ދުވަހުގެ ރޭގަނޑެވެ. ޗެކްއިން ޕްރޮސެސް ނިންމާ ފުރަން ރެޑީވެގެން ތިއްބާ މޫސުން ގޯސްވެ، ފްލައިޓް ޑިލޭވެއްޖެއެވެ. އެރޭ 7:25 އަށް ފުރަން އޮތް ފްލައިޓަށް ނައްޓާލެވުނީ 10 ޖާހާ ބޮޑުވިފަހުންނެވެ. މުޅި ދަތުރުގެ ޝެޑިއުލަށް މިކަމުން ބުރޫއެރިއެވެ. އެއްގަޑިއިރާއި ތިރީސް މިނެޓުގެ ދަތުރަކަށްފަހު އަރައިވަލް ޓަރމިނަލްގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ޕްރޮސިޖަރތައް ނިންމާ، ލަގެޖާއެކު ނިކުމެވުނުއިރު ހުރީ ދަންވަރު 2 ޖަހަން ގާތްވެފައެވެ.

 

އެއަރޕޯޓުން އަހަރުމެންގެ ފުރަތަމަ މަންޒިލާ ހަމައަށް ދިއުމަށް އެއްގަމު މަގުން އިތުރު 3 ގަޑިއިރުގެ ދަތުރެއް ކުރަންޖެހެއެވެ. ޕިކްމީއިން ބުކްކުރި ކާރުގެ ބަދަލުގައި އައިސް އޮތީ 3 މީހުންގެ ލަގެޖު އެރުވޭ ވަރަށްވުރެވެސް ކުޑަ ކާރެކެވެ. ޑްރައިވަރު އޭނާގެ ޓެކްސީ ލައިނަށް ގުޅާ އިތުރު މީހަކު އަތުޖެހޭތޯ ބެލުމަށްކުރި މަސައްކަތް ނާކާމިޔާބުވުމުން އިތުރު ގޮތެއް ހޯދަން އަހަރުމެންނަށް މަޖުބޫރުވީއެވެ. އެހެންކަމުން ޓަރމިނަލް ތެރޭ ހުރި އެކި ޓްރެވަލް އޭޖެންޓުންގެ ކެބިންތައް ބަލަން ފެށީމެވެ. އެއީ ކޮންމެ ދަތުރަކަށް ވަކި އުޅަނދެއް ނެގުމަށްވުރެ މުޅި ދަތުރަށް އުޅަނދެއް ބުކްކުރުން މާ ބުއްދިވެރިވާނެކަމަށް ޤަބޫލުކުރެވުމުންނެވެ. މުޅި ދަތުރަށް ކާރެއް ބުކްކުރުމަށްފަހު ނޫރައްލިއްޔާއަށް ދާން ނައްޓާލެވުނީ ފަތިސްވި ފަހުންނެވެ. ދަތުރުގެ ޙަޤީޤީ ތަޖުރިބާ އަދި މި ފެށުނީއެވެ.

 

ކޮލަމްބޯއާއި ޚިލާފަށް ނޫރައްލިއްޔާއަކީ އުސް ފަރުބަދަތަކާއި، ފެހިކަން ގަދަ ބިޔަ ގަސްތަކާއި ސައިފަތްދަނޑުތަކުން މުއްސަނދި ސަރަޙައްދެކެވެ. މިދަތުރުގެ ތެރެއިން ނޫރައްލިއްޔާގެ ފަރުބަދަމަތީ އެންމެ އުސް ސަރަޙައްދުތަކަށްވެސް އަރާލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނެވެ. ބައެއް މަގުމަގުން ދުއްވާފައި ދިޔައިރު ކައިރިން ދަތުރުކޮށްފައިދާ އުޅަނދުތައްވެސް ސާފުނުވާ މިންވަރަށް ދުންފިނީގެ އަސަރު ފެތުރިފައި ހުއްޓެވެ. ލަންކާގެ ނިސްބަތުންވެސް އެންމެ ބިޔަ ފެނާރު ހަމަލޮލުން ބަލާލުމުގެ ފުރުޞަތުވެސް މިދަތުރުގައި ލިބުނެވެ. "އެސް.ޓީ ކްލެއަރ ފޯލްސް"ގެ ނަން ދެވިފައިވާ މިތަނަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ނޫރައްލިއްޔާއާއި ކައިރި ހިސާބުތަކުން ފާހަގަކޮށްލެވޭ ތަންތަނަށް ގޮސް ފޮޓޯއާއި ވީޑިއޯ ނެގުމުގައި 2 ދުވަސް އަހަރުމެން ހޭދަކުރީމެވެ. އެއަށްފަހު ދެން އަހަރުމެން މިސްރާބު ޖެހީ ބަޑުލާ ޑިސްޓްރިކްޓްގައި އޮންނަ ކުޑަ އަވަށެއްކަމަށްވާ އެލާއަށެވެ. މިއީ 3 ގަޑިއިރުގެ ދަތުރެކެވެ.

 



އެލާއިން އެންމެ ޚާއްސަ ތަނަކަށް އަހަރުމެންނަށް ދެވުނީ މަޝްހޫރު "ނައިން އާކް ބްރިޖް" އަށެވެ. މިއީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ލަންކާއޮތް ދުވަސްވަރު ރޭލު ދަތުރުތަކަށް ޚާއްސަކޮށްގެން 1919 ވަނަ އަހަރު ބިނާކުރި ބްރިޖެކެވެ. މިތަނަކީ ލަންކާގައި މިހާރު ފެންނަން ހުރި އެންމެ ޤަދީމީ އެއް އާސާރެވެ. ބޯ ޖަންގައްޔެގެ މެދުގައި ކަހަލަ ގޮތަކަށް އޮންނަ މިތަނަށް ދާން ޖަންގަލިތެރެއިން ފައިމަގުގައި ދިގު ދަތުރެއް ކުރަންޖެހެއެވެ. ދެން އޮތީ މުޅި ދަތުރުގެ ތެރެއިންވެސް އަޅުގަނޑަށް އެންމެ އިންތިޒާރުކުރެވުނު ކަންތައްކަމަށްވާ ރެއިލް ދަތުރެވެ. އެލާއިން ކެންޑީއަށް ގާތްގަނޑަކަށް 7 ގަޑިއިރަށް ދެމިގެންދިޔަ މި ރޭލް ދަތުރަކީ މުޅިން ތަފާތު އިޙްސާސްތަކެއް އަޅުގަނޑަކަށް ކުރުވި ދަތުރެކެވެ. ހަމަހިމޭން މާހައުލެއްގައި ގުދުރަތުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ލިބުނު ރަނުގެ ފުރުޞަތަކަށެވެ.

 

ގިނަ ދިވެހިންނެކޭ އެއްގޮތަށް އަޅުގަނޑަށްވެސް ލަންކާއޭ ބުނުމުން ސިފަވަނީ ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުމަށް އާއްމުކޮށް ދަތުރުކުރާ ޤައުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އާސާރުތަކާ ގުދުރަތީ ތަފާތުކަންކަން ތަޖުރިބާކޮށްލުމަށް "ސައިޓް ސީން" އޭ ބުނާ ޒާތުގެ ދަތުރަކަށް ލަންކާއަށް ހަމަ ދާ ވަރުވޭ ހެއްޔެވެ؟ ލަންކާގައި ވަކި ތަފާތީ ކޮންކަމެއް ހެއްޔެވެ؟ ދަތުރަށް ފެށުމުގެ ކުރިން އަޅުގަނޑުގެ ހިތު ތެރޭ އުފެދުނު މި ސުވާލުތަކަށް ދަތުރު ނިމިގެންދިޔައިރު ވަރަށް ފުރިހަމަ ޖަވާބެއް ލިބިގެންދިޔައެވެ.


 ނޯޓް: މިއީ 25 މެއި 2023 އިން 01 ޖޫން 2023 ގެ ނިޔަލަށް އަޅުގަނޑާއި އަޅުގަނޑު މަސައްކަތް ކުރާ އޮފީހުގެ 2 ކުއްޖަކު އަވަށްޓެރި ސްރީލަންކާއަށް ކުރި މައިދާނީ ދަތުރުގެ ތަޖުރިބާއެކެވެ. 

Monday, March 10, 2025

ނޫސްވެރިކަން އަޅުގަނޑު ޚިޔާރުކުރީ...؟



بسم الله الرحمن الرحيم. އައްސަލާމް ޢަލައިކުމް. އަޅުގަނޑުގެ އަމިއްލަ ބްލޮގަށް ތިޔަ ހުރިހާ ކިޔުންތެރިންނަށް މަރުޚަބާއެވެ. އަޅުގަނޑުގެ ނަމަކީ އަޙްމަދު ރިޟުވާނެވެ. މިވަގުތު މަސައްކަތް ކުރަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގައި ސީނިއަރ އެޑިޓަރެއްގެ ގޮތުގައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް އަޅުގަނޑު ވަނީ 2013 ވަނަ އަހަރުގައެވެ. އެހެންކަމުން ގުނަމުން މިދަނީ އަޅުގަނޑު މި ދާއިރާގައި މަސައްކަތްކުރާ 12 ވަނަ އަހަރެވެ. ނޫސްވެރިކަމުގެ ދާއިރާގެ ތެރެއިން އަޅުގަނޑުގެ ޝަޢުގުވެރިކަން ހުންނަނީ އިޖްތިމާޢީ އަދި ތަރައްޤީއާ ގުޅުންހުރި ވާހަކަތައް ގެނެސްދިނުމަށެވެ. ބްލޮގަށް ނަން ދީފައި އެވަނީ އަޅުގަނޑުގެ ލޮބުވެތި މަންމަގެ ހަނދާނުގައި މަންމައަށް އެންމެ ރީތި އަދި އަޅުގަނޑުމެންގެ ގެއަށްވެސް ދީފައިވާ "ވައިސޫރި" މި ނަމަށް ނިސްބަތްކޮށްގެންނެވެ.


ދަތުރުކޮށް އައު ކަންކަން ތަޖުރިބާކުރުމަކީ އަޅުގަނޑުގެ ޕެޝަނެއްކަމުން، މި ބްލޮގްގެ ޕޯސްޓުތައް އަޅުގަނޑު ބޮޑަށް ޚާއްސަކުރަން ބޭނުންވަނީ އަޅުގަނޑުގެ ޓްރެވަލް އެކްސްޕީރިއަންސްތަކަށެވެ. އެހެންނަމަވެސް ތަފާތު އެކި މައްސަލަތަކާއި ކަންކަމާމެދު އަޅުގަނޑުގެ ޚިޔާލުވެސް މި ބްލޮގުގައި ހިއްސާކުރަމުންދާނަމެވެ. އޭގެ ކުރިން ސުރުޚީގައި ބުނެފައިވާ ސުވާލަށް ޖަވާބެއް ދެވޭތޯ ބަލާނަމެވެ.


ސްކޫލް ދައުރުން ފެށިގެންވެސް އަޅުގަނޑަކީ އެއްޗެހި ކިޔާ، ކަންކަން އޮޅުންފިލުވައި، އެކި ކަހަލަ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުގެ އަލީގައި ލިޔުންތައް ލިޔެ، މީހުންނަށް ކިޔައިދީ ހަދަން ލޯބިކުރާ ފަރާތަކީމެވެ. ސްކޫލް ނިންމާ، ވަޒީފާގެ މައިދާނުގައި ނޫސްވެރިކަން ޚިޔާރު ކުރެވުނު މައިގަނޑު ސަބަބަކީވެސް މިކަމަށް ހުރި ޝަޢުގެއްގެ ބޮޑުކަމެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ނޫސްވެރިކަމަކީ އެ މުޖުތަމަޢުއެއްގެ މޫނު ބަލާ ލޯގަނޑެވެ. މުޖުތަމަޢުއެއް ބިނާކޮށް ތަރައްޤީކުރުމުގައި ނޫސްވެރިން އަދާކުރާ ޒިންމާއަކީވެސް އެހާމެ މުހިންމު އަދި ބޮޑު ޒިންމާއެކެވެ. އެއީ ޙަޤީޤަތް ހާމަކޮށް، މަޢުލޫމާތު ފެތުރައި، އަދި ޑިމޮކްރަސީގެ އަސާސްތައް ދަމަހައްޓާ މުހިންމު ވަސީލަތެކެވެ.


ނޫސްވެރިންނަކީ ސަރުކާރާއި، ކަމާގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކާއި މުޖުތަމަޢު ގުޅުވައިދޭ އެންމެ މުހިންމު ފާލަމެވެ. ނޫސްވެރިން ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ރައްޔިތުންނަށް ބުނެދެއެވެ. ހަމައެގޮތަށް މުޖުތަމަޢުގެ ތެރޭގައި ހުރި އިޖްތިމާޢީ އަދި އެނޫންވެސް ޤައުމީ އެކިއެކި މައްސަލަތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، އިޙްސާސްތަކާއި، ޝުޢޫރުތައް ހުރިނެތްގޮތް، އަދި ރައްޔިތުންގެ އަޑު ކަމާބެހޭ ފަރާތްތަކާ ހަމައަށް އިއްވައިދެއެވެ.


އަޅުގަނޑު ޤަބޫލުކުރާގޮތުގައި ނޫސްވެރިންގެ މަސައްކަތުން ރައްޔިތުންނަށް ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތަކުގެ މަޢުލޫމާތު ލިބި، އެކަންކަމާމެދު ވިސްނައި ފިކުރުކުރުމުގެ ފުރުޞަތު ލިބެއެވެ. ހަމައެހެންމެ މުއައްސަސާތަކާއި އިދާރާތައް ޖަވާބުދާރީކުރުވާ، ޒިންމާދާރު ކުރުވުމުގައިވެސް ނޫސްވެރިންގެ ރޯލާއި މަސްއޫލިއްޔަތު ވަކި ކުޑައެއްނޫނެވެ. ނޫސްވެރިންގެ ސުވާލުތަކާއި ތަޙްޤީޤުތަކުން ވެރިކަމުގެ ކޮރަޕްޝަނާއި ނާޖާއިޒު ޢަމަލުތައް ހާމަވެ، އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެއެވެ. 


ޑިމޮކްރަސީގެ 4 ވަނަ ބާރަކީ ނޫސްވެރިކަމޭ ބުނެވެނީ މި ދެންނެވި ސަބަބުތަކަށްޓަކާއެވެ. ނަމަވެސް މި ދެންނެވި ޒިންމާތަކާއި މަޤްޞަދުތައް ޙާޞިލުކުރެވޭނީ ނޫސްވެރިންވެސް އެމީހުންގެ ޒިންމާ އަދާކޮށް، ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓައިގެންނެވެ. އަޅުގަނޑަށް ނޫސްވެރިކަމުގައި މި ހޭދަކުރެވުނު 12 އަހަރުގެ ތަޖުރިބާގައި ބުނެވޭނީ މިއީ ބުރަ އަދި އެހާމެ ވަގުތު އެކަމަކަށް ހޭދަކުރަންޖެހޭ ދާއިރާއެއްގެ ގޮތުގައެވެ. އަމިއްލަ އެތައް ކަމެއް ޤުރުބާން ކުރަންޖެހޭ އެތައް ޙާލަތަކާ ބައްދަލުވާނެއެވެ. ނަމަވެސް ޒިންމާދާރުކަމާއެކު ނޫސްވެރިކަން އޭގެ ޙަޤީޤީ މާނައިގައި، އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވާނެހެން ކުރާނަމަ މިއީ ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެކެވެ.


ރައްޔިތުންގެ އަޑުގެ ގޮތުގައި ޤައުމުގައި ހުރި އެކި އެކި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަށްވުރެ ވަކި ބޮޑު ހިތްހަމަޖެހުމެއް ނެތެވެ. މިއީ ޤައުމީ މަސައްކަތެކެވެ. ޤައުމީ ޚިދުމަތެކެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. ނޫސްވެރިއަކަށް ވާން ބޭނުންވި މައިގަނޑު ސަބަބުތަކެވެ.