މި ފޮޓޯ ސްޓޯރީއަކީ އެމްއެންޔޫގައި އަޅުގަނޑު މިވަގުތު ކިޔަވަމުންދާ ކޯހުގެ ގްރޫޕް މަސައްކަތެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތެކެވެ. އަޅުގަނޑާއެކު މި މަސައްކަތުގައި ބައިވެރިވެފައިވަނީ ރާޔާ، ކުޑޫ އަދި އަކްރަމެވެ.
މި ފޮޓޯ ސްޓޯރީ ޚާއްސަކޮށްފައި މިވަނީ ދިވެހި ބޭސްވެރިކަމުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ޚިދުމަތްތެރިއަކަށެވެ. މިއީ ނ. ތޮޅެންދޫއަށް އުފަން ޙަސަން ޤާސިމްގެ ވާހަކައެވެ. އޭނާއަށްވަނީ ދިވެހިބޭސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 1990 ވަނަ އަހަރު އަދި ޞިއްޙީ ދާއިރާއިން ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2010 ލިބިވަޑައިގެންފައެވެ. އުމުރުން 87 އަހަރުގެ ޤާސިމްބެއަކީ އަދިވެސް މި މަސައްކަތުގައި އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއްނެތި ހަރަކާތްތެރިވަމުންދާ ނަމޫނާ ޚިދުމަތްތެރިއެކެވެ.
ޙަސަން ޤާސިމް އޭނާގެ އަންހެނުން ޙައްވާ ޢަލީއާއެކު. ދެމަފިރިންގެ ކައިވެންޏަށް 57 އަހަރު ވަނީ ވެފައި. މި ދެމަފިރިންގެ 7 ދަރިން އެބަތިބި. ޤާސިމްބެގެ މަސައްކަތުގައި އެންމެ ބޮޑު ހިތްވަރަކީ އޭނާގެ އަންހެނުންކަމަށް ބުނޭ
ޤާސިމްބެގެ ބައެއް ކާމިޔާބީތައް ދައްކުވައިދޭ ފޮޓޯތަކަކާއި ސެޓިފިކެޓްތަކެއް. ދިވެހި ބޭސްވެރިކަމުގެ ތެރެއަށް ޤާސިމްބެއަށް ވަދެވުނީ 1963 ގައި. މި ދާއިރާއިން 1990 ގައި ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަދި 2010 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ހާޞިލުކުރައްވާފައި
ޤާސިމްބެގެ މަސައްކަތުގެ ބައެއް ވާހަކަތަކާއި ހަނދާންތައް ގްރޫޕުގެ ބައެއް މެންބަރުންނަށް ކިޔައިދެނީ. ބޭސްވެރިކަމުގެ މަސައްކަތް ޤާސިމްބެ ފެށީ އުފަން ރަށް ތޮޅެންދޫ. އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޤާސިމްބެ ކައިރިއަށް ފަރުވާ ހޯދަން އާދޭ. އޭރު ޚިދުމަތްދެމުންދިޔައީ އެއްވެސް އަގަކާ ނުލާ
ޤާސިމްބެގެ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކުރެވުނު އެއްކަމަކީ ބޭސްވެރިކަމުގައި ބޭނުންކުރާ އެކި ބޭސްތަކުގެ ރެސިޕީއާއި އެކި ބަލިތަކުގެ މަޢުލޫމާތު އަމިއްލަ އަތުން ލިޔެ ރައްކާކޮށްފައި ހުރުން. މީގެ ތެރެއިން ބައެއް ލިޔުންތަކަށްވެސް މިހާރު ބައި ޤަރުނު ވެދާނެ
ޤާސިމްބެގެ ބޭސް ފޮތްތަކުގައި ވަރަށް ތަފްޞީލުކޮށް މަޢުލޫމާތު ހިމަނާފައިވާކަން ފާހަގަކުރެވޭ. ޢަރަބި ތާނަ ލިޔުން ސާދާވެފައި ކިޔާލަން ހިތްގައިމު. މިފޮތްތައް ގެންގުޅެނީ ވަރަށް ރައްކާކޮށްގެން. ނަމަވެސް ފޮތްތައް ޑިޖިޓަލް ނުވަތަ ޗާޕުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ
ޤާސިމްބެ ބޮޑަށް މަޝްހޫރުވެފައިވަނީ ރުއްގަލު ބޭހަށް. އެހެންނަމަވެސް ލޮލުބޭސް ފިޔަވައި އެހެން ހުރިހާ ބައްޔަކަށްވެސް ބޭސްކުރޭ. ބައެއްކަހަލަ ބަލިތަކަށް ފަރުވާކުރުމަކީ ފެންބޮއިފައި ވަޔެއްލުންފަދަ ފަސޭހަކަމެއްގެ ގޮތުގައި ޤާސިމްބެ ދެކޭ
ދިވެހި ބޭސް ތައްޔާރުކުރުމަށް ޤާސިމްބެ ބޭނުންކުރާ ބައެއް ސާމާނު. ފޮޓޯއިން ތިޔަ ފެންނަ ތަކެތީގެ ތެރޭގައި ކޮލިޒާން، ހުނގު، ބުރޮޅި، ގަލުހޮޅި، ވަގުދަތް، ވޭމުއި އަދި ބިހާރަކަ ހިމެނޭ. ބައެއް ސާމާނު ހޯދަން ކުޑަކޮށް ދަތިވިނަމަވެސް ރައްކާކޮށްފައި ހުންނާތީ މާބޮޑު އުނދަގުލެއް ކުރިމަތިނުވާކަމަށް ޤާސިމްބެ ބުނޭ
ބޭސްގަނޑު ތައްޔާރުކުރުމަށް ޤާސިމްބެ ބޭނުންކުރާ ބައެއް ސާމާނު. ފޮޓޯއިން ތިޔަ ފެންނަނީ ބައެއް ސާމާނު ގޭނުމަށް ބޭނުންކުރާ ބޮޑު އޮނޑިހަނަކާއި، ބޭސް ހޭކުމުގައި ބޭނުންކުރާ ބައެއް އާލާތްތައް
ބޭސްގަނޑު ތައްޔާރުކުރުމަށް ޤާސިމްބެ އޮނޑިހަނުގައި އެއްޗެއް ގާނަނިކޮށް. މިއީ ޝަޢުގު ހުރިއްޔާ ދަސްކުރަން ފަސޭހަ މަސައްކަތެއްކަމަށް ޤާސިމްބެ ބުނޭ. އެހެންނަމަވެސް މިހާރުގެ ޒުވާނުން މިކަމަށް ހުންނަ ޝަޢުގު ކުޑަކަން ޤާސިމްބެ ފާހަގަކުރޭ
އުމުރުން މިހާރު 86 އަހަރުގެ ޤާސިމްބެ ބޭސް ކައްކަނިކޮށް. ބޭސްގަނޑު ތައްޔާރުކުރުމުގެ ހުރިހާ ކަމެއްގައިހެން އަދިވެސް އިސްކޮށް މަސައްކަތްކުރަނީ ޤާސިމްބެ. ނަމަވެސް މިކަމުގައި ދަރިންގެ ފަރާތުން ލިބޭ އެއްބާރުލުން ޤާސިމްބެ ފާހަގަކުރޭ
ދިވެހި ބޭސް ތައްޔާރުކުރުމަށް ޤާސިމްބެ ބޭނުންކުރާ ފޮތްތަކާއި، ބޭހަށް ބޭނުންވާ ސާމާނު އަދި ބޭސް ރައްކާކޮށްފައި ބެހެއްޓުމަށް ޤާސިމްބެގެ ކޮޓަރީގައި ބަހައްޓާފައި ހުރި ކަބަޑުގެ ފޮޓޯއެއް
ޤާސިމްބެ އޭނާގެ ބޭސް ކަބަޑު ކައިރީގައި މަޑުކޮށްލައިގެން. މި ކަބަޑުން މާޒީގެ އެތައް ހަނދާންތަކެއް ބުނެދޭކަމަށް ޤާސިމްބެ ބުނޭ. ޤާސިމްބެ ކޮޓަރިއަކީ ވަރަށް ބާރު ބޮޑުތަނެއް. ބަލި މީހުން ބެލުމާއި ބޭސް ހޭކުމުގެ ކަންކަން ކުރަނީ މިތަނުގެ ތެރޭގައި
ވާގި ނެތުންފަދަ ބޮޑެތި ބަލިތަކަށްވެސް ޤާސިމްބެ ފަރުވާދީފައިވޭ. އަދި ކޮލެރާ، ޝިގެއްލާ، ޗިކަންގުންޔާ ފެތުރިގެންދިޔައިރު، އެ ބަލިތަކަށްވެސް ފަރުވާ ދިނުމުގައި މަސައްކަތް ކޮށްފައިވޭ. އަދި ދިވެހި ބޭސްވެރިކަމުގެ ޖަމްޢިއްޔާގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވޭ
ޤާސިމްބެ ވަނީ ސަރުކާރަށް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި. ތޮޅެންދޫގެ ވެރިކަމުގެ މަޤާމުގައި ޚިދުމަތްކުރައްވައި، ތޮޅެންދޫ މުދިންކަމާއި ކަތީބުކަންވެސް ކޮށްފައިވޭ. އަދި އަތޮޅުވެރިޔާގެ ބަދަލުކަމާއި، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަމުގެ މަޤާމުވެސް ފުރުއްވާފައިވޭ
ޤާސިމްބެ ދެކޭގޮތުގައި މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާއަށް ލިބުނު އެންމެބޮޑު ކާމިޔާބީއަކީ، ބޭސްފަރުވާ ހޯދަން އަންނަ މީހުންގެ ރުހުމާއި ލޯބި ލިބުން. ދިރިއުޅުމުގައި ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީވެސް މަސައްކަތުގެ ތެރޭ އިވޭ ހެޔޮބަސްތައްކަމަށް ޤާސިމްބެ ބުނޭ
ޤާސިމްބެ ވާހަކަތަކުން ބުނެދެނީ އޭނާގެ ހިތުގައި ދިވެހި ބޭސްވެރިކަމަށާއި، ނިކަމެތިންނަށް އެހީވުމަށް އޮތް ޝައުޤު. އުމުރުގެ ބޮޑު ބައި ހޭދަކުރީ ހިލޭ ސާބަހަށް މިކަން ކޮށްދިނުމުގައި
ދިވެހި ޒުވާން ޖީލުގެ ބައިވެރިވުން މިކަމުގައި މިހާރަށްވުރެ ބޮޑަށް ފެންނަން ބޭނުންވާކަމަށް ޤާސިމްބެ ބުނޭ. މިހާރުގެ ޒުވާން ޖީލަށް އިބްރަތްތެރި ގިނަ ކަންތައްތަކެއް ޤާސިމްބެގެ ހަޔާތުން ދަސްވެގެންދާނެކަން ޔަޤީން

















No comments:
Post a Comment