Tuesday, April 15, 2025

ހާޑް ނިއުސް އަދި ފީޗަރ ނިއުސްގެ ތަފާތާއި ޑިޖިޓަލް ޖަރނަލިޒަމްގެ ފަސޭހަތައް!

 




ހާޑް ނިއުސްއަކީ އެއިރަކަށް އާންމުންނަށް ކޮންމެހެން އެނގެން ބޭނުންވާ އަދި އެވަގުތަކަށް އެ ޚަބަރަށް ނުގެނެސްދެވިއްޖެނަމަ އޭގެ މުޢާލާތް ކެނޑޭފަދަ ޚަބަރުތަކެވެ. މިސާލަކަށް މިއަދު ހިނގި އެކްސިޑެންޓެއްގެ ވާހަކައަކީ މިއަދު ގެންނަން މުހިންމު ވާހަކައެކެވެ. މިއަދު ހިނގި އެކްސިޑެންޓުގެ ވާހަކަ މީގެ އެއް ހަފްތާ ފަހުން ގެންނަންވެއްޖެނަމަ އެ ޚަބަރަކީ އައު ޚަބަރަކަށް ނުވާނެއެވެ. ޚަބަރުގެ މުޢާލާތް ކެނޑި ބައު ޚަބަރަކަށް ވެގެންދާނެއެވެ. 

މިއާ ޚިލާފަށް ފީޗަރ ނިއުސްތަކަކީ ކޮންމެ ވަގުތަކުވެސް ގެނެވިދާނެ ކަހަލަ އަދި އެ ރިޕޯޓެއްގައި ހިމެނޭ މަޢުލޫމާތުތަކުން ކިޔުންތެރިންގެ ޝަޢުގުވެރިކަން އިތުރަށް ދަމައިގަނެވިދާނެ ކަހަލަ ޚަބަރުތަކެވެ. މިސާލަކަށް އާދަޔާ ޚިލާފު ކަމެއްގެ ވާހަކަ ނުވަތަ އާސާރީ ބިނާއެއްގެ ވާހަކައަކީ އެންމެންވެސް އެ ވާހަކައެއް ކިޔަން ޝަޢުގުވެރިވާނެ، އަދި މިއަދު ގެނެޔަސް މާދަމާ ގެނެޔަސް އެ ވާހަކަތަކެއް އައުޑޭޓް ނުވާނެ ވާހަކަތަކެވެ. މިސާލަކަށް މާލޭ ހުކުރު މިސްކިތުގެ ތާރީޚާއި މިސްކިތުގެ ޚާއްސަކަމުގެ ވާހަކައަކީ މިހާރު ޖީލަށްވެސް އަދި އަންނަން އޮތް ޖީލަށްވެސް ބޭނުންތެރި، އެނގެން އަދި ކިޔަންވެސް ޝަޢުގުވެރިވާނެ މަޢުލޫމާތުތަކަކަށް ވެގެންދާނެއެވެ.


މި ދެ ވައްތަރުގެ ޚަބަރު ގެނައުމުގައިވެސް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމަކީ އެ ޚަބަރެއްގައި ހިމެނޭ މަޢުލޫމާތުގެ ތެދުކަމާއި ސައްޙަކަން ކަށަވަރުކުރުމެވެ. ވަކިން ޚާއްސަކޮށް ހާޑް ނިއުސްއެއްނަމަ އެ ޚަބަރެއް ކިޔާލުމުން، އެއިރަކަށް ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތައް މިސާލަކަށް "ކާކު، ކިހިނެއް، ކޮންއިރަކު، ކޮންތާކު، އަދި ކީއްވެ" މިފަދަ ސުވާލުތަކަށް ޚަބަރެއް ކިޔާ މީހަކަށް ޖަވާބު ލިބެންވާނެއެވެ. ހާޑް ނިއުސް ލިޔާއިރު، ޚަބަރު ގެނެސްދޭނީ އިންވާޓެޑް ޕިރަމިޑެއްހެން އެންމެ މުހިންމުކަންކަން އެންމެ ކުރިން އަންނަގޮތަށެވެ. ސުރުޚީއާއި ހެޑްލައިން އަދި ލީޑް ސެންޓެންސްގައި ހިމެނޭނީ އެންމެ މުހިންމު މަޢުލޫމާތުތަކެވެ.


ނޫސްވެރިކަމުގެ ތެރޭގައި މި ދެބާވަތަކީވެސް ވަރަށް އާންމު ދެ ބާވަތެވެ. ވަކިން ޚާއްސަކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ޒަމާނާއެކު ނޫސްވެރިކަމުގެ ތެރެއިން ޑިޖިޓަލް އެކިއެކި ޕްލެޓްފޯމްތަކުގައި މި ދެ ބާވަތުގެ ލިޔުންތަކާއި ރިޕޯޓްތައް އަންނަނީ ބޭނުންކުރަމުންނެވެ. މިހާ ހިސާބުން ޑިޖިޓަލް ޖަރނަލިޒަމަކީ ކޮބައިކަމާ އޭގެ ފައިދާތަކާއި ފަސޭހަތަކަށްވެސް ކުރުގޮތަކަށް ބަލާލާނަމެވެ. 

ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، މީޑިއާގެ ދާއިރާއަށްވެސް ވަނީ ގިނަގުނަ ބަދަލުތަކެއް އައިސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޑިޖިޓަލް ޖަރނަލިޒަމްގެ ފެތުރުމެވެ. ޑިޖިޓަލް ޖަރނަލިޒަމަކީ ކޮބައިތޯ އާއި މިކަމުގެ ސަބަބުން ލިބިފައިވާ ފައިދާތަކާއި ފަސޭހަތަކަށް މި މަޒުމޫނުގައި އަލިއަޅުވާލާނަމެވެ.

ޑިޖިޓަލް ޖަރނަލިޒަމަކީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތު އުފައްދައި، ފަތުރައި އަދި ހިއްސާކުރުމުގެ ޢަމަލީ މަސައްކަތެވެ. މީގެ ތެރޭގައި އޮންލައިން ނޫސޫސްތަކާއި، ބްލޮގްތަކާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ޕޮޑްކާސްޓްތަކާއި އަދި ވީޑިއޯ ސްޓްރީމިންގ ފަދަ ވަސީލަތްތައް ހިމެނެއެވެ. މި ގޮތުން ޑިޖިޓަލް ޖަރނަލިޒަމްގެ ސަބަބުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތްތައް ވަނީ އެތައް ގުނައަކަށް ފުޅާވެފައެވެ.

ޑިޖިޓަލް ޖަރނަލިޒަމްގެ ސަބަބުން ލިބިފައިވާ ފައިދާތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:

- މަޢުލޫމާތު ލިބުމުގެ ފަސޭހަކަން: ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ތަނެއްގައި ހުރެގެންވެސް ޚަބަރާއި މަޢުލޫމާތު ލިބުމުގެ ފުރުޞަތު ވަނީ ހުޅުވިފައެވެ.

- އަވަސް ސްޕީޑު: ޑިޖިޓަލް ޖަރނަލިޒަމްގެ ސަބަބުން ޚަބަރު ފެތުރުމުގެ ސްޕީޑު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. މިހާރު ވަގުތުން ވަގުތަށް ޚަބަރު ގެނެސްދެވެއެވެ.

- އިންޓަރެކްޓިވިޓީ: ކިޔުންތެރިންނަށް ކޮމެންޓްކޮށް، ޚިޔާލު ފާޅުކޮށް އަދި ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވެއެވެ.

- މަލްޓިމީޑިއާ ކޮންޓެންޓް: ޓެކްސްޓާއި، ފޮޓޯއާއި، އޯޑިއޯ އަދި ވީޑިއޯ ފަދަ ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު ފޯރުކޮށްދެވެއެވެ.

- ގްލޯބަލް އޯޑިއަންސް: ދުނިޔޭގެ ކޮންމެ ކަންކޮޅަކަށްވެސް ފަސޭހައިން މަޢުލޫމާތު ފޯރުކޮށްދެވެއެވެ.


ޑިޖިޓަލް ޖަރނަލިޒަމްގައި ހުރި ފަސޭހަތަކުގެ ތެރޭގައި:

- ކޮންޓެންޓް އަޕްޑޭޓްކުރުމުގެ ފަސޭހަކަން: ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ކޮންޓެންޓް އަޕްޑޭޓްކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

- ސްޓޯރޭޖް އަދި އާކައިވިންގ: ޑިޖިޓަލް ކޮންޓެންޓް ރައްކާކޮށް، ފަހުން 
ބޭނުންވާ ވަގުތެއްގައި ފަސޭހައިން ހޯދައި ބެލުމުގެ ފުރުޞަތު އޮވެއެވެ.

- ކޮސްޓް އެފެކްޓިވްނެސް: ޕްރިންޓް މީޑިއާއާ އަޅާބަލާއިރު، ޑިޖިޓަލް ޖަރނަލިޒަމްގައި ޚަރަދު ކުޑަވެއެވެ. ޕްރިންޓިންގ އަދި ޑިސްޓްރިބިއުޝަން ޚަރަދުތައް ސަލާމަތްވެއެވެ.

- ޑޭޓާ އެނަލިޓިކްސް: ކިޔުންތެރިންގެ އާދަތަކާއި ޝައުޤުވެރިކަން ހުރި ދާއިރާތައް ދެނެގަތުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރެވެއެވެ. 

- ޕަރސަނަލައިޒޭޝަން: ކޮންމެ ކިޔުންތެރިއެއްގެ ޝައުޤުވެރިކަމާ ގުޅޭ ކޮންޓެންޓް ފޯރުކޮށްދިޮށްދިނުމުގެ ފުރުޞަތު އޮވެއެވެ.

- ކްރޯސް-ޕްލެޓްފޯމް އެކްސެސިބިލިޓީ: ކޮމްޕިއުޓަރ، ސްމާޓްފޯން، ޓެބްލެޓް ފަދަ ތަފާތު ޑިވައިސްތަކުން ކޮންޓެންޓް ބެލުމުގެ ފުރުޞަތު އޮވެއެވެ. 
ނަމަވެސް، ޑިޖިޓަލް ޖަރނަލިޒަމްގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. މިސާލަކަށް، ދޮގު މަޢުލޫމާތު ފެތުރުމުގެ ފުރުޞަތު އިތުރުވުމާއި، ޑިޖިޓަލް ޑިވައިޑްގެ ސަބަބުން ބައެއް މީހުންނަށް މަޢުލޫމާތު ނުލިބި ދިއުމާއި، އަދި ޕްރައިވަސީއާ ގުޅުންހުރި މައްސަލަތައް ފާހަގަކުރެވެއެވެ.

ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، ޑިޖިޓަލް ޖަރނަލިޒަމަކީ މިހާރުގެ މީޑިއާ ލޭންޑްސްކޭޕްގެ މުހިންމު ބައެކެވެ. މީގެ ސަބަބުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތްތައް ވަނީ އިންޤިލާބީ ބަދަލަކާ ކުރިމަތިވެފައެވެ. ޑިޖިޓަލް ޖަރނަލިޒަމްގެ ފައިދާތަކާއި ފަސޭހަތައް ބޭނުންކޮށްގެން، އަދި އޭގެ ގޮންޖެހުންތަކަށް ރިޢާޔަތްކޮށްގެން، މުސްތަޤުބަލުގައި މިދާއިރާ އިތުރަށް ކުރިއަރައިގެންދާނެކަން ޔަޤީނެވެ.



                    

Friday, April 4, 2025

އއ. ބޮޑުފޮޅުދޫ - ނަމޫނާ ކައުންސިލެއް، ނަމޫނާ ރައްޔިތުންތަކެއް!

އަޅުގަނޑު އަދާކުރާ ވަޒީފާގެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ފުރުޞަތު ވަރަށް އާންމުކޮށްވެސް ލިބެއެވެ. މިހާތަނަށްއައިއިރުވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ވާނީ ދެވިފައެވެ. މިފަހަރު މި ހިއްސާކޮށްލަނީ އޭގެ ތެރެއިން ރަށެއްގެ ތަޖުރިބާއެވެ. 


އަރިއަތޮޅުގެ ރަށްތަކަކަކީ ރާއްޖޭގެ ނިސްބަތުންވެސް ރީތިކަމަށް މަޝްހޫރު ރަށްތަކެކެވެ. ގުދުރަރީ ރީތި ހިތްގައިމުކަމެއް ލިބިފައިވާ ރަށްތަކެކެވެ. ލޯކަލް ޓޫރިޒަމް މި ސަރަޙައްދުގައި އެންމެ ބޮޑަށް ފުޅާވެފައި އޮތުމުގެ ސިއްރަކީވެސް އެއީކަމަށް ވެދާނެއެވެ. އޮފީސް މަސައްކަތެއްގައި އއ. ބޮޑުފޮޅުދޫއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލިބުނެވެ. އެއީ ވަރަށް ކުއްލިއަކަށް ލިބުނު ފުރުޞަތަކެވެ. ތައްޔާރުވާކަމަށް މާގިނަ ވަގުތެއްވެސް ނުލިބުނެވެ. 3 ދުވަހަށް ކުރި މި ދަތުރުގައި އަޅުގަނޑާއެކު ޕްރޮޑިއުސަރަކާއި ދެ ކެމެރާމަނުން ބައިވެރިވިއެވެ. 



މި ދަތުރުގެ ބޭނުމަކަށްވީ 2023 ވަނަ އަހަރުގެ ކަންގަތި އެވޯޑުގައި އެންމެ ހިންގުންތެރި ރަށު ކައުންސިލުގެ މަޤާމު ނުވަތަ ރަނަމަހާންތި ދަރަޖަ ޖެހިޖެހިގެން 4 އަހަރު ބޮޑުފޮޅުދޫ ކައުންސިލުން ކާމިޔާބުކުރުމާގުޅިގެން ޚާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމެވެ. މިއީ ކައުންސިލްތަކުގެ ހިންގުންތެރިކަމަށް ބަލައި ކައުންސިލްތައް ދަރަޖަކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ދެމުން އަންނަ އެވޯޑެކެވެ. 


3 ދުވަސްމަތިން ޑޮކިއުމެންޓްރީގެ މަސައްކަތްތައް އެކި ގަޑިތަކަށް އަޅުގަނޑުމެން ބަހާލީމެވެ. ފުރަތަމަ ދުވަސް ޚާއްސަކުރީ ރަށު ތެރޭގެ ވީޑިއޯތަކާއި ޑްރޯން ޝޮޓުތައް ނެގުމަށެވެ. އަދި ޑޮކިއުމެންޓްރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ކައުންސިލާއި ބައްދަލުކޮށް، މި ޑޮކިއުމެންޓްރީއަށް ބޭނުންވާ އިންޓަރވިއުތައް ދޭނެ މީހުން ހޯދުމަށެވެ. ދެވަނަ ދުވަސް ޑޮކިއުމެންޓްރީގެ އިންޓަރވިއުތަކާއި ޕްރެޒެންޓަރުގެ ލިންކްތައް ރިކޯޑުކުރުމަށްފަހު، އެންމެފަހު ދުވަހު އިތުރަށް މަދުވާ މެޓީރިއަލްތައް ހަމަކުރާގޮތަށް ނިންމާ ދަތުރުގެ ކަންކަން ސިކުނޑީގައި އަޅުގަނޑު ރާވާލީމެވެ. އަދި ފުރުމުގެ ކުރިން ކައުންސިލާ ގުޅާ މިކަން އަޅުގަނޑުމެން ކުރަން ބޭނުންވާކަން އެންގީމެވެ. 


ލޯންޗުގައި މާލެއިން ބޮޑުފޮޅުދޫއަށް އެއީ ގާތްގަނޑަކަށް 2 ވަރަކަށް ގަޑިއިރުގެ ދަތުރެކެވެ. މިއީ ގާތްގަނޑަކަށް 870 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެވެ. ރަށުގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. މި އަތޮޅުގެ އެހެން ގިނަ ރަށްތަކެކޭ އެއްފަދައިން ބޮޑުފޮޅުދޫގައިވެސް އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކީ ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރިއެވެ. އަދި މަސްވެރިކަންވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅެވެ. 

އަޅުގަނޑުމެން ދަތުރަށް ފުރި ދުވަހަކީ މޫސުންވެސް ވަރަށް ރީތި ކަނޑުވެސް މަޑު ދުވަހެކެވެ. މާބޮޑު ތަކުލީފުތަކެއް އުފުލަން ނުޖެހި ލޯންޗުގައި ރަށާއި ހިސާބަށް އާދެވުނެވެ. ކަންގަތި އެވޯޑުގެ ކާމިޔާބީ ފާހަގަކުރުމަށް ރަށުގެ ބަނދަރުމަތި އޮތީ ޤައުމީ ކުލަތަކާއި ކައުންސިލުގެ ދިދަތަކުން ޖަރީކޮށްލާފައެވެ. އަޅުގަނޑުމެންގެ ޓީމަށް ރަށަށް ފޭބުނުއިރު ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ތިބީ އަޅުގަނޑުމެންނަށް މަރުޙަބާ ކިޔުމަށް ސަފުހަދާލާފައެވެ. އެކަނބަލުން އަޅުގަނޑުމެންގެ ޓީމަށް މަރުޙަބާކީ މަލާއި ކުރުނބަލުންނެވެ. ލޯންޗުން ބަނދަރުމައްޗަށް ފޭބުމަށް އެޅި ފުރަތަމަ ފިޔަވަޅާއެކުވެސް ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި އޯގާތެރިކަން އިޙްސާސްކުރެވުނު ކަހަލައެވެ. 


މި ޑޮކިއުމެންޓްރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އިންޓަރވިއުތައް ނަގަމުންދިޔައިރު، މިރަށު ކައުންސިލުގެ ހިންގުންތެރިކަމާއި، ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކައުންސިލަރުންނާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މެދުގައި އޮތް އާދަޔާ ޚިލާފު ރޫޙު އަޅުގަނޑަށް ފާހަގަކުރެވުނެވެ. ކައުންސިލުގެ ހުރިހާ މަސައްކަތްތަކާއި ޚިދުމަތްތައް ބައްޓަންކޮށްފައިވަނީ އެންމެ ފުރަތަމަ ރައްޔިތުން އިސްކޮށްގެންނެވެ. ރައްޔިތު މީހާއަށް ޚިދުމަތްކޮށްދިނުމަށެވެ. 


ރަށުގައި ޤާއިމުވެފައިވާ މުއައްސަސާތަކާއި، ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ކައުންސިލާއި އޮންނަ ގުޅުމާއި، ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށްވެސް ފެނިގެންދިޔައެވެ. ކައުންސިލާ ގުޅޭގޮތުން އަޅުގަނޑުމެންގެ ޓީމާ ވާހަކަދެއްކި ކޮންމެ މީހަކުހެންވެސް ފާހަގަކުރީ ކައުންސިލަރުންގެ ހިންގުންތެރިކަމާއި ރައްޔިތުންނާ ކޮންމެ ވަގުތަކުވެސް ބައްދަލުވެ، ކަންކަމުގައި ޚިޔާލާއި މަޝްވަރާ އަދި ރައްޔިތުންގެ ބައިވެރިވުން ހޯދާ ވާހަކައެވެ. ކޮންމެ މީހަކުހެން ބައްޓުންކުރަމުންދިޔައީ ހެޔޮބަސްތަކެވެ. 



ދެން އޮތީ ރަށު ރައްޔިތުންގެ ވާހަކައެވެ. މަސައްކަތުގެ ތެރޭގައި ރަށު ތެރޭގައި އަޅުގަނޑުމެންގެ ޓީމުން ހަރަކާތްތެރިވަމުންދިޔައިރު، ބައްދަލުވި ކޮންމެ ރައްޔިތެއްގެ މޫނުމަތިންވެސް ފެނިގެންދިޔައީ ހިނިތުންވުމާއި އެކުވެރިކަމުގެ ކުލަވަރުތަކެވެ. ތުއްތު ކުއްޖެއް، ޒުވާނެއް، ދޮށީ އުމުރުގެ މީހެއް ބުނާނެކަމެއްނެތެވެ. ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައިވެސް މިއީ ހަމަ ނަމޫނާ ރައްޔިތުންތަކެކެވެ. 


މިއީ ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ޤައުމީ ވިސްނުމެއްގައި ވަތަނީ ރޫޙެއްގައި މަސައްކަތްކުރާ ރައްޔިތުންތަކެއް އުޅެމުންދާ ރަށެކެވެ. އެކަން ކަންގަތި އެވޯޑާއެކު ކައުންސިލް މެންބަރުން ރަށަށް އައުމުން ރައްޔިތުން ބަނދަރުމަތިން ކީ ހޫނު މަރުޙަބާއިންވެސް ވަރަށް ރަނގަޅަށް ދައްކުވައިދިނެވެ. މި އުފަލުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވީ ރަށަށް ބޮޑު ޢީދެއް އައިސްގެން އުޅޭހެނެވެ. ބޮޑުފޮޅުދޫގެ ރައްޔިތުންގެ ހިތްތަކުގައި ރަށަށްޓަކާ އޮތް ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދެމުންދާކަމުގެ އިޙްސާސް އަޅުގަނޑަށް މި ދަތުރުން ކުރެވުނެވެ. މިއީ ހަމަ ހަޤީޤަތުގައިވެސް ނަމޫނާ ކައުންސިލެއް އަދި ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ.


މި ލިޔުމާއެކު އަޅުގަނޑުގެ މި ދަތުރުގައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީގެ ލިންކުވެސް ކިޔުންތެރިންނަށްޓަކާ ހިއްސާކޮށްލީމެވެ.