Friday, April 4, 2025

އއ. ބޮޑުފޮޅުދޫ - ނަމޫނާ ކައުންސިލެއް، ނަމޫނާ ރައްޔިތުންތަކެއް!

އަޅުގަނޑު އަދާކުރާ ވަޒީފާގެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ފުރުޞަތު ވަރަށް އާންމުކޮށްވެސް ލިބެއެވެ. މިހާތަނަށްއައިއިރުވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަކަށް ވާނީ ދެވިފައެވެ. މިފަހަރު މި ހިއްސާކޮށްލަނީ އޭގެ ތެރެއިން ރަށެއްގެ ތަޖުރިބާއެވެ. 


އަރިއަތޮޅުގެ ރަށްތަކަކަކީ ރާއްޖޭގެ ނިސްބަތުންވެސް ރީތިކަމަށް މަޝްހޫރު ރަށްތަކެކެވެ. ގުދުރަރީ ރީތި ހިތްގައިމުކަމެއް ލިބިފައިވާ ރަށްތަކެކެވެ. ލޯކަލް ޓޫރިޒަމް މި ސަރަޙައްދުގައި އެންމެ ބޮޑަށް ފުޅާވެފައި އޮތުމުގެ ސިއްރަކީވެސް އެއީކަމަށް ވެދާނެއެވެ. އޮފީސް މަސައްކަތެއްގައި އއ. ބޮޑުފޮޅުދޫއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ލިބުނެވެ. އެއީ ވަރަށް ކުއްލިއަކަށް ލިބުނު ފުރުޞަތަކެވެ. ތައްޔާރުވާކަމަށް މާގިނަ ވަގުތެއްވެސް ނުލިބުނެވެ. 3 ދުވަހަށް ކުރި މި ދަތުރުގައި އަޅުގަނޑާއެކު ޕްރޮޑިއުސަރަކާއި ދެ ކެމެރާމަނުން ބައިވެރިވިއެވެ. 



މި ދަތުރުގެ ބޭނުމަކަށްވީ 2023 ވަނަ އަހަރުގެ ކަންގަތި އެވޯޑުގައި އެންމެ ހިންގުންތެރި ރަށު ކައުންސިލުގެ މަޤާމު ނުވަތަ ރަނަމަހާންތި ދަރަޖަ ޖެހިޖެހިގެން 4 އަހަރު ބޮޑުފޮޅުދޫ ކައުންސިލުން ކާމިޔާބުކުރުމާގުޅިގެން ޚާއްސަ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމެވެ. މިއީ ކައުންސިލްތަކުގެ ހިންގުންތެރިކަމަށް ބަލައި ކައުންސިލްތައް ދަރަޖަކުރުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ދެމުން އަންނަ އެވޯޑެކެވެ. 


3 ދުވަސްމަތިން ޑޮކިއުމެންޓްރީގެ މަސައްކަތްތައް އެކި ގަޑިތަކަށް އަޅުގަނޑުމެން ބަހާލީމެވެ. ފުރަތަމަ ދުވަސް ޚާއްސަކުރީ ރަށު ތެރޭގެ ވީޑިއޯތަކާއި ޑްރޯން ޝޮޓުތައް ނެގުމަށެވެ. އަދި ޑޮކިއުމެންޓްރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ކައުންސިލާއި ބައްދަލުކޮށް، މި ޑޮކިއުމެންޓްރީއަށް ބޭނުންވާ އިންޓަރވިއުތައް ދޭނެ މީހުން ހޯދުމަށެވެ. ދެވަނަ ދުވަސް ޑޮކިއުމެންޓްރީގެ އިންޓަރވިއުތަކާއި ޕްރެޒެންޓަރުގެ ލިންކްތައް ރިކޯޑުކުރުމަށްފަހު، އެންމެފަހު ދުވަހު އިތުރަށް މަދުވާ މެޓީރިއަލްތައް ހަމަކުރާގޮތަށް ނިންމާ ދަތުރުގެ ކަންކަން ސިކުނޑީގައި އަޅުގަނޑު ރާވާލީމެވެ. އަދި ފުރުމުގެ ކުރިން ކައުންސިލާ ގުޅާ މިކަން އަޅުގަނޑުމެން ކުރަން ބޭނުންވާކަން އެންގީމެވެ. 


ލޯންޗުގައި މާލެއިން ބޮޑުފޮޅުދޫއަށް އެއީ ގާތްގަނޑަކަށް 2 ވަރަކަށް ގަޑިއިރުގެ ދަތުރެކެވެ. މިއީ ގާތްގަނޑަކަށް 870 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެވެ. ރަށުގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. މި އަތޮޅުގެ އެހެން ގިނަ ރަށްތަކެކޭ އެއްފަދައިން ބޮޑުފޮޅުދޫގައިވެސް އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރާ މަސައްކަތްތަކީ ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރިއެވެ. އަދި މަސްވެރިކަންވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅެވެ. 

އަޅުގަނޑުމެން ދަތުރަށް ފުރި ދުވަހަކީ މޫސުންވެސް ވަރަށް ރީތި ކަނޑުވެސް މަޑު ދުވަހެކެވެ. މާބޮޑު ތަކުލީފުތަކެއް އުފުލަން ނުޖެހި ލޯންޗުގައި ރަށާއި ހިސާބަށް އާދެވުނެވެ. ކަންގަތި އެވޯޑުގެ ކާމިޔާބީ ފާހަގަކުރުމަށް ރަށުގެ ބަނދަރުމަތި އޮތީ ޤައުމީ ކުލަތަކާއި ކައުންސިލުގެ ދިދަތަކުން ޖަރީކޮށްލާފައެވެ. އަޅުގަނޑުމެންގެ ޓީމަށް ރަށަށް ފޭބުނުއިރު ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ތިބީ އަޅުގަނޑުމެންނަށް މަރުޙަބާ ކިޔުމަށް ސަފުހަދާލާފައެވެ. އެކަނބަލުން އަޅުގަނޑުމެންގެ ޓީމަށް މަރުޙަބާކީ މަލާއި ކުރުނބަލުންނެވެ. ލޯންޗުން ބަނދަރުމައްޗަށް ފޭބުމަށް އެޅި ފުރަތަމަ ފިޔަވަޅާއެކުވެސް ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި އޯގާތެރިކަން އިޙްސާސްކުރެވުނު ކަހަލައެވެ. 


މި ޑޮކިއުމެންޓްރީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އިންޓަރވިއުތައް ނަގަމުންދިޔައިރު، މިރަށު ކައުންސިލުގެ ހިންގުންތެރިކަމާއި، ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކައުންސިލަރުންނާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މެދުގައި އޮތް އާދަޔާ ޚިލާފު ރޫޙު އަޅުގަނޑަށް ފާހަގަކުރެވުނެވެ. ކައުންސިލުގެ ހުރިހާ މަސައްކަތްތަކާއި ޚިދުމަތްތައް ބައްޓަންކޮށްފައިވަނީ އެންމެ ފުރަތަމަ ރައްޔިތުން އިސްކޮށްގެންނެވެ. ރައްޔިތު މީހާއަށް ޚިދުމަތްކޮށްދިނުމަށެވެ. 


ރަށުގައި ޤާއިމުވެފައިވާ މުއައްސަސާތަކާއި، ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ކައުންސިލާއި އޮންނަ ގުޅުމާއި، ކައުންސިލާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށްވެސް ފެނިގެންދިޔައެވެ. ކައުންސިލާ ގުޅޭގޮތުން އަޅުގަނޑުމެންގެ ޓީމާ ވާހަކަދެއްކި ކޮންމެ މީހަކުހެންވެސް ފާހަގަކުރީ ކައުންސިލަރުންގެ ހިންގުންތެރިކަމާއި ރައްޔިތުންނާ ކޮންމެ ވަގުތަކުވެސް ބައްދަލުވެ، ކަންކަމުގައި ޚިޔާލާއި މަޝްވަރާ އަދި ރައްޔިތުންގެ ބައިވެރިވުން ހޯދާ ވާހަކައެވެ. ކޮންމެ މީހަކުހެން ބައްޓުންކުރަމުންދިޔައީ ހެޔޮބަސްތަކެވެ. 



ދެން އޮތީ ރަށު ރައްޔިތުންގެ ވާހަކައެވެ. މަސައްކަތުގެ ތެރޭގައި ރަށު ތެރޭގައި އަޅުގަނޑުމެންގެ ޓީމުން ހަރަކާތްތެރިވަމުންދިޔައިރު، ބައްދަލުވި ކޮންމެ ރައްޔިތެއްގެ މޫނުމަތިންވެސް ފެނިގެންދިޔައީ ހިނިތުންވުމާއި އެކުވެރިކަމުގެ ކުލަވަރުތަކެވެ. ތުއްތު ކުއްޖެއް، ޒުވާނެއް، ދޮށީ އުމުރުގެ މީހެއް ބުނާނެކަމެއްނެތެވެ. ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައިވެސް މިއީ ހަމަ ނަމޫނާ ރައްޔިތުންތަކެކެވެ. 


މިއީ ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ޤައުމީ ވިސްނުމެއްގައި ވަތަނީ ރޫޙެއްގައި މަސައްކަތްކުރާ ރައްޔިތުންތަކެއް އުޅެމުންދާ ރަށެކެވެ. އެކަން ކަންގަތި އެވޯޑާއެކު ކައުންސިލް މެންބަރުން ރަށަށް އައުމުން ރައްޔިތުން ބަނދަރުމަތިން ކީ ހޫނު މަރުޙަބާއިންވެސް ވަރަށް ރަނގަޅަށް ދައްކުވައިދިނެވެ. މި އުފަލުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވީ ރަށަށް ބޮޑު ޢީދެއް އައިސްގެން އުޅޭހެނެވެ. ބޮޑުފޮޅުދޫގެ ރައްޔިތުންގެ ހިތްތަކުގައި ރަށަށްޓަކާ އޮތް ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދެމުންދާކަމުގެ އިޙްސާސް އަޅުގަނޑަށް މި ދަތުރުން ކުރެވުނެވެ. މިއީ ހަމަ ހަޤީޤަތުގައިވެސް ނަމޫނާ ކައުންސިލެއް އަދި ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ.


މި ލިޔުމާއެކު އަޅުގަނޑުގެ މި ދަތުރުގައި ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީގެ ލިންކުވެސް ކިޔުންތެރިންނަށްޓަކާ ހިއްސާކޮށްލީމެވެ. 




No comments:

Post a Comment