بسم الله الرحمن الرحيم. އައްސަލާމް ޢަލައިކުމް. އަޅުގަނޑުގެ އަމިއްލަ ބްލޮގަށް ތިޔަ ހުރިހާ ކިޔުންތެރިންނަށް މަރުޚަބާއެވެ. އަޅުގަނޑުގެ ނަމަކީ އަޙްމަދު ރިޟުވާނެވެ. މިވަގުތު މަސައްކަތް ކުރަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގައި ސީނިއަރ އެޑިޓަރެއްގެ ގޮތުގައެވެ. ނޫސްވެރިކަމުގެ ދާއިރާއަށް އަޅުގަނޑު ވަނީ 2013 ވަނަ އަހަރުގައެވެ. އެހެންކަމުން ގުނަމުން މިދަނީ އަޅުގަނޑު މި ދާއިރާގައި މަސައްކަތްކުރާ 12 ވަނަ އަހަރެވެ. ނޫސްވެރިކަމުގެ ދާއިރާގެ ތެރެއިން އަޅުގަނޑުގެ ޝަޢުގުވެރިކަން ހުންނަނީ އިޖްތިމާޢީ އަދި ތަރައްޤީއާ ގުޅުންހުރި ވާހަކަތައް ގެނެސްދިނުމަށެވެ. ބްލޮގަށް ނަން ދީފައި އެވަނީ އަޅުގަނޑުގެ ލޮބުވެތި މަންމަގެ ހަނދާނުގައި މަންމައަށް އެންމެ ރީތި އަދި އަޅުގަނޑުމެންގެ ގެއަށްވެސް ދީފައިވާ "ވައިސޫރި" މި ނަމަށް ނިސްބަތްކޮށްގެންނެވެ.
ދަތުރުކޮށް އައު ކަންކަން ތަޖުރިބާކުރުމަކީ އަޅުގަނޑުގެ ޕެޝަނެއްކަމުން، މި ބްލޮގްގެ ޕޯސްޓުތައް އަޅުގަނޑު ބޮޑަށް ޚާއްސަކުރަން ބޭނުންވަނީ އަޅުގަނޑުގެ ޓްރެވަލް އެކްސްޕީރިއަންސްތަކަށެވެ. އެހެންނަމަވެސް ތަފާތު އެކި މައްސަލަތަކާއި ކަންކަމާމެދު އަޅުގަނޑުގެ ޚިޔާލުވެސް މި ބްލޮގުގައި ހިއްސާކުރަމުންދާނަމެވެ. އޭގެ ކުރިން ސުރުޚީގައި ބުނެފައިވާ ސުވާލަށް ޖަވާބެއް ދެވޭތޯ ބަލާނަމެވެ.
ސްކޫލް ދައުރުން ފެށިގެންވެސް އަޅުގަނޑަކީ އެއްޗެހި ކިޔާ، ކަންކަން އޮޅުންފިލުވައި، އެކި ކަހަލަ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުގެ އަލީގައި ލިޔުންތައް ލިޔެ، މީހުންނަށް ކިޔައިދީ ހަދަން ލޯބިކުރާ ފަރާތަކީމެވެ. ސްކޫލް ނިންމާ، ވަޒީފާގެ މައިދާނުގައި ނޫސްވެރިކަން ޚިޔާރު ކުރެވުނު މައިގަނޑު ސަބަބަކީވެސް މިކަމަށް ހުރި ޝަޢުގެއްގެ ބޮޑުކަމެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ނޫސްވެރިކަމަކީ އެ މުޖުތަމަޢުއެއްގެ މޫނު ބަލާ ލޯގަނޑެވެ. މުޖުތަމަޢުއެއް ބިނާކޮށް ތަރައްޤީކުރުމުގައި ނޫސްވެރިން އަދާކުރާ ޒިންމާއަކީވެސް އެހާމެ މުހިންމު އަދި ބޮޑު ޒިންމާއެކެވެ. އެއީ ޙަޤީޤަތް ހާމަކޮށް، މަޢުލޫމާތު ފެތުރައި، އަދި ޑިމޮކްރަސީގެ އަސާސްތައް ދަމަހައްޓާ މުހިންމު ވަސީލަތެކެވެ.
ނޫސްވެރިންނަކީ ސަރުކާރާއި، ކަމާގުޅުންހުރި އިދާރާތަކާއި މުއައްސަސާތަކާއި މުޖުތަމަޢު ގުޅުވައިދޭ އެންމެ މުހިންމު ފާލަމެވެ. ނޫސްވެރިން ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ރައްޔިތުންނަށް ބުނެދެއެވެ. ހަމައެގޮތަށް މުޖުތަމަޢުގެ ތެރޭގައި ހުރި އިޖްތިމާޢީ އަދި އެނޫންވެސް ޤައުމީ އެކިއެކި މައްސަލަތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، އިޙްސާސްތަކާއި، ޝުޢޫރުތައް ހުރިނެތްގޮތް، އަދި ރައްޔިތުންގެ އަޑު ކަމާބެހޭ ފަރާތްތަކާ ހަމައަށް އިއްވައިދެއެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ނޫސްވެރިންގެ މަސައްކަތުން ރައްޔިތުންނަށް ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތަކުގެ މަޢުލޫމާތު ލިބި، އެކަންކަމާމެދު ވިސްނައި ފިކުރުކުރުމުގެ ފުރުޞަތު ލިބެއެވެ. ހަމައެހެންމެ މުއައްސަސާތަކާއި އިދާރާތައް ޖަވާބުދާރީކުރުވާ، ޒިންމާދާރު ކުރުވުމުގައިވެސް ނޫސްވެރިންގެ ރޯލާއި މަސްއޫލިއްޔަތު ވަކި ކުޑައެއްނޫނެވެ. ނޫސްވެރިންގެ ސުވާލުތަކާއި ތަޙްޤީޤުތަކުން ވެރިކަމުގެ ކޮރަޕްޝަނާއި ނާޖާއިޒު ޢަމަލުތައް ހާމަވެ، އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެއެވެ.
ޑިމޮކްރަސީގެ 4 ވަނަ ބާރަކީ ނޫސްވެރިކަމޭ ބުނެވެނީ މި ދެންނެވި ސަބަބުތަކަށްޓަކާއެވެ. ނަމަވެސް މި ދެންނެވި ޒިންމާތަކާއި މަޤްޞަދުތައް ޙާޞިލުކުރެވޭނީ ނޫސްވެރިންވެސް އެމީހުންގެ ޒިންމާ އަދާކޮށް، ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓައިގެންނެވެ. އަޅުގަނޑަށް ނޫސްވެރިކަމުގައި މި ހޭދަކުރެވުނު 12 އަހަރުގެ ތަޖުރިބާގައި ބުނެވޭނީ މިއީ ބުރަ އަދި އެހާމެ ވަގުތު އެކަމަކަށް ހޭދަކުރަންޖެހޭ ދާއިރާއެއްގެ ގޮތުގައެވެ. އަމިއްލަ އެތައް ކަމެއް ޤުރުބާން ކުރަންޖެހޭ އެތައް ޙާލަތަކާ ބައްދަލުވާނެއެވެ. ނަމަވެސް ޒިންމާދާރުކަމާއެކު ނޫސްވެރިކަން އޭގެ ޙަޤީޤީ މާނައިގައި، އޭގެ ޙަޤީޤީ މަޤްޞަދު ޙާޞިލުވާނެހެން ކުރާނަމަ މިއީ ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެކެވެ.
ރައްޔިތުންގެ
އަޑުގެ ގޮތުގައި ޤައުމުގައި ހުރި އެކި އެކި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ
މަސައްކަތުގައި ބައިވެރިވުމަށްވުރެ ވަކި ބޮޑު ހިތްހަމަޖެހުމެއް ނެތެވެ. މިއީ
ޤައުމީ މަސައްކަތެކެވެ. ޤައުމީ ޚިދުމަތެކެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.
ނޫސްވެރިއަކަށް ވާން ބޭނުންވި މައިގަނޑު ސަބަބުތަކެވެ.

No comments:
Post a Comment