Tuesday, March 18, 2025

"އަޅުގަނޑުގެ ލެންސުން އަވައްޓެރި ލަންކާ"


ހަފްތާއަކަށް ލަންކާއަށް ދަތުރެއް ދާން ޝާފިއުއާއި ނިޒާހު ރޭވި ހިސާބުން އަޅުގަނޑުވެސް އެމީހުންނާ އެއްބައިވީ، އެދުވަސްކޮޅު އަޅުގަނޑުވެސް ހުރީ ޗުއްޓީގައިކަމަށްވެފައި، އިތުރު މާ ބޮޑު ޕްލޭނެއް ރާވާފައިނެތުމުންނެވެ. ފުރާނެ ދުވަހަކަށް އެވެރިން ކަނޑައެޅީ މެއިމަހުގެ 25 ވަނަ ދުވަހެވެ. 3 މީހުންގެ މެދުގައި ސައްލާކުރުމަށްފަހު ދަތުރުގެ އެކި ކަންކަން ހަމަޖެއްސުމަށް 3 މީހުންގެ މެދުގައި ބަހާލީމެވެ. މިއީ ވިޔަފާރި ކުރުމަށްވުރެ ލަންކާ "އެކްސްޕްލޯރ" ކުރަން ދާން ބޭނުންވި ދަތުރެއްކަމުން 3 މީހުންނަށްވެސް އިއްތިފާގުވެވުނީ ކޮލަންބޯގައި މާގިނަ ދުވަހު ނުތިބުމަށެވެ. އެބުނާ ސައިޓް ސީންއަށް އެންމެ މަޤުބޫލު ތަންތަނަށް ވީހާވެސް ގިނަ ވަގުތެއް ހުސްކުރާށެވެ.

 

އަހަރުމެން ދަތުރު ރޭވީ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓުން އެންމެ ފުރަތަމަވެސް ނޫރައްލިއްޔާއަށް ދާގޮތަށެވެ. އެއަށްފަހު އެލާއަށެވެ. އެލާއިން ރޭލުގައި ކޭންޑީއަށްގޮސް ދަތުރުގެ އެންމެ ފަހު 2 ދުވަސް ޝޮޕިންކުރުމަށް ކޮލަމްބޯއަށް އަންނަގޮތަށެވެ. އަހަރުމެންނަށް ވެވުނު އެންމެ ރަނގަޅަކަށް ދަތުރަށް ތައްޔާރުވީމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމަށް ބަލާ ދަތުރަށް ފޮށިތަންމަތި ތައްޔާރުކުރީމެވެ. ފުރަން ހަމަޖެހިފައިއޮތީ މެއި 25 ވަނަ ދުވަހުގެ ރޭގަނޑެވެ. ޗެކްއިން ޕްރޮސެސް ނިންމާ ފުރަން ރެޑީވެގެން ތިއްބާ މޫސުން ގޯސްވެ، ފްލައިޓް ޑިލޭވެއްޖެއެވެ. އެރޭ 7:25 އަށް ފުރަން އޮތް ފްލައިޓަށް ނައްޓާލެވުނީ 10 ޖާހާ ބޮޑުވިފަހުންނެވެ. މުޅި ދަތުރުގެ ޝެޑިއުލަށް މިކަމުން ބުރޫއެރިއެވެ. އެއްގަޑިއިރާއި ތިރީސް މިނެޓުގެ ދަތުރަކަށްފަހު އަރައިވަލް ޓަރމިނަލްގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ޕްރޮސިޖަރތައް ނިންމާ، ލަގެޖާއެކު ނިކުމެވުނުއިރު ހުރީ ދަންވަރު 2 ޖަހަން ގާތްވެފައެވެ.

 

އެއަރޕޯޓުން އަހަރުމެންގެ ފުރަތަމަ މަންޒިލާ ހަމައަށް ދިއުމަށް އެއްގަމު މަގުން އިތުރު 3 ގަޑިއިރުގެ ދަތުރެއް ކުރަންޖެހެއެވެ. ޕިކްމީއިން ބުކްކުރި ކާރުގެ ބަދަލުގައި އައިސް އޮތީ 3 މީހުންގެ ލަގެޖު އެރުވޭ ވަރަށްވުރެވެސް ކުޑަ ކާރެކެވެ. ޑްރައިވަރު އޭނާގެ ޓެކްސީ ލައިނަށް ގުޅާ އިތުރު މީހަކު އަތުޖެހޭތޯ ބެލުމަށްކުރި މަސައްކަތް ނާކާމިޔާބުވުމުން އިތުރު ގޮތެއް ހޯދަން އަހަރުމެންނަށް މަޖުބޫރުވީއެވެ. އެހެންކަމުން ޓަރމިނަލް ތެރޭ ހުރި އެކި ޓްރެވަލް އޭޖެންޓުންގެ ކެބިންތައް ބަލަން ފެށީމެވެ. އެއީ ކޮންމެ ދަތުރަކަށް ވަކި އުޅަނދެއް ނެގުމަށްވުރެ މުޅި ދަތުރަށް އުޅަނދެއް ބުކްކުރުން މާ ބުއްދިވެރިވާނެކަމަށް ޤަބޫލުކުރެވުމުންނެވެ. މުޅި ދަތުރަށް ކާރެއް ބުކްކުރުމަށްފަހު ނޫރައްލިއްޔާއަށް ދާން ނައްޓާލެވުނީ ފަތިސްވި ފަހުންނެވެ. ދަތުރުގެ ޙަޤީޤީ ތަޖުރިބާ އަދި މި ފެށުނީއެވެ.

 

ކޮލަމްބޯއާއި ޚިލާފަށް ނޫރައްލިއްޔާއަކީ އުސް ފަރުބަދަތަކާއި، ފެހިކަން ގަދަ ބިޔަ ގަސްތަކާއި ސައިފަތްދަނޑުތަކުން މުއްސަނދި ސަރަޙައްދެކެވެ. މިދަތުރުގެ ތެރެއިން ނޫރައްލިއްޔާގެ ފަރުބަދަމަތީ އެންމެ އުސް ސަރަޙައްދުތަކަށްވެސް އަރާލުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުނެވެ. ބައެއް މަގުމަގުން ދުއްވާފައި ދިޔައިރު ކައިރިން ދަތުރުކޮށްފައިދާ އުޅަނދުތައްވެސް ސާފުނުވާ މިންވަރަށް ދުންފިނީގެ އަސަރު ފެތުރިފައި ހުއްޓެވެ. ލަންކާގެ ނިސްބަތުންވެސް އެންމެ ބިޔަ ފެނާރު ހަމަލޮލުން ބަލާލުމުގެ ފުރުޞަތުވެސް މިދަތުރުގައި ލިބުނެވެ. "އެސް.ޓީ ކްލެއަރ ފޯލްސް"ގެ ނަން ދެވިފައިވާ މިތަނަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. ނޫރައްލިއްޔާއާއި ކައިރި ހިސާބުތަކުން ފާހަގަކޮށްލެވޭ ތަންތަނަށް ގޮސް ފޮޓޯއާއި ވީޑިއޯ ނެގުމުގައި 2 ދުވަސް އަހަރުމެން ހޭދަކުރީމެވެ. އެއަށްފަހު ދެން އަހަރުމެން މިސްރާބު ޖެހީ ބަޑުލާ ޑިސްޓްރިކްޓްގައި އޮންނަ ކުޑަ އަވަށެއްކަމަށްވާ އެލާއަށެވެ. މިއީ 3 ގަޑިއިރުގެ ދަތުރެކެވެ.

 



އެލާއިން އެންމެ ޚާއްސަ ތަނަކަށް އަހަރުމެންނަށް ދެވުނީ މަޝްހޫރު "ނައިން އާކް ބްރިޖް" އަށެވެ. މިއީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ލަންކާއޮތް ދުވަސްވަރު ރޭލު ދަތުރުތަކަށް ޚާއްސަކޮށްގެން 1919 ވަނަ އަހަރު ބިނާކުރި ބްރިޖެކެވެ. މިތަނަކީ ލަންކާގައި މިހާރު ފެންނަން ހުރި އެންމެ ޤަދީމީ އެއް އާސާރެވެ. ބޯ ޖަންގައްޔެގެ މެދުގައި ކަހަލަ ގޮތަކަށް އޮންނަ މިތަނަށް ދާން ޖަންގަލިތެރެއިން ފައިމަގުގައި ދިގު ދަތުރެއް ކުރަންޖެހެއެވެ. ދެން އޮތީ މުޅި ދަތުރުގެ ތެރެއިންވެސް އަޅުގަނޑަށް އެންމެ އިންތިޒާރުކުރެވުނު ކަންތައްކަމަށްވާ ރެއިލް ދަތުރެވެ. އެލާއިން ކެންޑީއަށް ގާތްގަނޑަކަށް 7 ގަޑިއިރަށް ދެމިގެންދިޔަ މި ރޭލް ދަތުރަކީ މުޅިން ތަފާތު އިޙްސާސްތަކެއް އަޅުގަނޑަކަށް ކުރުވި ދަތުރެކެވެ. ހަމަހިމޭން މާހައުލެއްގައި ގުދުރަތުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ލިބުނު ރަނުގެ ފުރުޞަތަކަށެވެ.

 

ގިނަ ދިވެހިންނެކޭ އެއްގޮތަށް އަޅުގަނޑަށްވެސް ލަންކާއޭ ބުނުމުން ސިފަވަނީ ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުމަށް އާއްމުކޮށް ދަތުރުކުރާ ޤައުމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އާސާރުތަކާ ގުދުރަތީ ތަފާތުކަންކަން ތަޖުރިބާކޮށްލުމަށް "ސައިޓް ސީން" އޭ ބުނާ ޒާތުގެ ދަތުރަކަށް ލަންކާއަށް ހަމަ ދާ ވަރުވޭ ހެއްޔެވެ؟ ލަންކާގައި ވަކި ތަފާތީ ކޮންކަމެއް ހެއްޔެވެ؟ ދަތުރަށް ފެށުމުގެ ކުރިން އަޅުގަނޑުގެ ހިތު ތެރޭ އުފެދުނު މި ސުވާލުތަކަށް ދަތުރު ނިމިގެންދިޔައިރު ވަރަށް ފުރިހަމަ ޖަވާބެއް ލިބިގެންދިޔައެވެ.


 ނޯޓް: މިއީ 25 މެއި 2023 އިން 01 ޖޫން 2023 ގެ ނިޔަލަށް އަޅުގަނޑާއި އަޅުގަނޑު މަސައްކަތް ކުރާ އޮފީހުގެ 2 ކުއްޖަކު އަވަށްޓެރި ސްރީލަންކާއަށް ކުރި މައިދާނީ ދަތުރުގެ ތަޖުރިބާއެކެވެ. 

No comments:

Post a Comment